ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ހަތްވަނަ ޖަލްސާ މިއަދު ހަވީރު 4:00 ގައި ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާ އޮންނާނެ ކަމުގެ މަޢުލޫމާތު މަޖިލީހުގެ މެންބަރުންނަށް މިހާރު ވަނީ އަންގަވާފައެވެ.
މި ޖަލްސާގެ އެޖެންޑާ އަދި ހާމަކުރައްވާފައި ނުވި ނަމަވެސް، މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ މެދު ގޮތެއް ނިންމުން މި ޖަލްސާގެ އެޖެންޑާގައި ހިމެނޭނެ ކަމަށް ބެލެވެއެވެ. މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ މި ބިލު ދިރާސާކޮށް ނިންމައި ފާސްކޮށްފައެވެ. އެހެންކަމުން، ދެން އޮތް މަރުހަލާއަކީ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.
މީޑިއާ ބިލު އެކުލަވާލާފައި ވަނީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ވަނީ ރައީސަށް ވެސް ހުށަހަޅައިފަ އެވެ. އަދި ބިލު ބޭރުކޮށްލަން އެދި ރައީސާއި މަޖިލީހަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ.


