Tuesday, 28 July 2026

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް 60 ގަސް އިންދައިފި

ދިވެހިރާއްޖެއާއި އިންޑިޔާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ފޮރިން މިނިސްޓްރީއާއި އިންޑިޔާ ހައި ކޮމިޝަން އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި 60 ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރާއި، ދިވެހިރާއްޖެއަށް އިންޑިޔާއިން ކަނޑައަޅާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމްގެ އިތުރުން އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ހަރަކާތެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސްމިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ އެއްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި، މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމެވެ. އަދި ހުޅުމާލެއަކީ ފެހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *