ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިރޭ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
"ހިޔާލާއި ފިކުރު ކަފުނަށް" ގެ ނަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައެވެ. އެމްޖޭއޭ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ފޯރަމްގައި ޤާނޫނީ ދާއިރާގެ މާހިރުންނާއި ލިޔުންތެރިން ބައިވެރިވެ ވާހަކަފުޅު ދައްކަވާނެއެވެ. އަދި "އޯޕަން މައިކް" އުސޫލުން ކުރިއަށްދާ މި ހަރަކާތުގައި އާންމު ރައްޔިތުންނަށްވެސް އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ހުށަހެޅުއްވި މީޑިއާ ބިލާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ނޫސްވެރިންގެ ޖަމްޢިއްޔާއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އާންމުން ގިނައިން އެއްވެއުޅޭ ސަރަޙައްދުތަކުގައި ލީފްލެޓް ބެހުމާއި، ސޯޝަލް މީޑިއާގައި މަޢުލޫމާތު ހިއްސާކުރުން ހިމެނެއެވެ.


