ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބަންގްލަދޭޝްގެ މީހަކު، 53،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއާއި ގިނަ އަދަދެއްގެ ދުންފަތުގެ ބާވަތްތަކާ އެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 32 އަހަރުގެ އެމްޑީ ސައްދާމު ހުސެއިނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ސަރަހައްދުން، އޭނާގެ އަމަލުތަކާ މެދު ޝައްކު އުފެދިގެން ބަލައި ފާސްކުރުމަށް ފަހުއެވެ.
އޭނާ އަތުން ފެނުނު ތަކެތީގެ ތެރޭގައި 53،000 ރުފިޔާގެ އިތުރުން، ގިނަ އަދަދެއްގެ ސިނގިރޭޓު ފޮށި، ދުންފަތް، ސިނގިރޭޓު ފިލްޓަރު، ރިޒްލާ އަދި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮށްޓެއް ހިމެނެއެވެ. މި މައްސަލައާ ގުޅިގެން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަށް ވަކި ހުއްދައެއް ބޭނުންވެއެވެ. އަދި ދުންފަތުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.


