ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް (ވޯގްސް)ގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރގެ މަޤާމަށް އަލަށް ހޮވިވަޑައިގެންނެވި ނިއުމަތު ޝަފީޢު، މިއަދު ހެނދުނު މުލިއާގޭގައި ފަސްޓް ލޭޑީ އަދި ޗީފް ގައިޑް ސަޖިދާ މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ ވަނީ ނިއުމަތު ޝަފީޢު މި މަޤާމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ދަންނަވައި، ދިވެހިރާއްޖެ މިފަދަ މުހިންމު ބައިނަލްއަޤްވާމީ މަޤާމެއްގައި ތަމްސީލުކުރެއްވުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.
ނިއުމަތު ޝަފީޢު ވަނީ ފަސްޓް ލޭޑީ ގާލް ގައިޑް ޙަރަކާތްތަކުގައި އަދާކުރައްވަމުން ގެންދަވާ ޙަރަކާތްތެރި ދައުރަށް ޝުކުރު އަދާކުރައްވައި، ޗީފް ގައިޑްގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ގާލް ގައިޑުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
އަދި ޒުވާނުންގެ ތަރައްޤީއަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ މުހިންމުކަމާއި، ގައިޑް ޙަރަކާތްތައް ހިންގުމަށް ޚާއްޞަ ކޭމްޕް ސައިޓެއްގެ މުހިންމުކަން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެވުނެވެ.
ނިއުމަތު ޝަފީޢުގެ މި އައްޔަންކުރެއްވުމާއެކު، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ގާލް ގައިޑިންގ ޙަރަކާތްތައް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.


