މާލޭގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ސީނަށް ވަދެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރު ހުސައިން ހަސަން ވަނީ އޮޕަރޭޝަނުގެ ސީނަށް ވަދެ، އެވިޑެންސްގެ ފޮޓޯ ނެގުމަށް މަސައްކަތްކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ.
މި ހާދިސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ހުސައިން ހަސަން ހައްޔަރުކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. އެމްޑީޕީން ބުނީ ހުސައިން ހަސަން ހައްޔަރުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. ހުސައިން ހަސަނަކީ އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ ޒުވާނުންގެ ހިތްވަރު ގެ މީޑިއާ ކޮމިޓީގެ މުގައްރިރެވެ.


