ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު ހިމެނޭ ގޮތަށް އެ ކޮމިޝަނަށް މިއަދު ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުޢިއްޒު އައްޔަން ކުރައްވައިފި އެވެ.
ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ މުހައްމަދު ނާސިހާއި ޑރ. ޙުސައިން ފާއިޒް އަދި ޑރ. ދީބާ މޫސާ އެވެ. ޑރ. ދީބާ މޫސާ އަކީ މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުންނެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ހުވާ ކުރެއްވި އެވެ. މި ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.
ރަސްމިއްޔާތު ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އައްޔަންކުރެއްވި ތިން މެންބަރުންނަށް މަޤާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން އައްޔަންކުރުމާއި، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން ހިމެނެއެވެ.


