Tuesday, 28 July 2026

ޑަބްލިއުޑީސީތަކުގެ ބަޖެޓް 10 އިންސައްތައަށް އިތުރުކުރައްވަން ރައީސް ނިންމަވައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް (ޑަބްލިއުޑީސީ) ކައުންސިލްތަކުން ދެމުންދާ ބަޖެޓް 5 އިންސައްތައިން 10 އިންސައްތައަށް އިތުރުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށްޓަކައި، މިއަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން ދެ މުހިންމު ބަދަލެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަޖެޓް އިތުރުކުރެއްވުމުގެ އިތުރުން، ކޮމިޓީ މެންބަރުންގެ ރަމަޟާން މަހުގެ އެލަވަންސް ކައުންސިލްގެ ބަޖެޓުން ދެއްވުމަށް ހަމަޖެއްސެވުން ހިމެނެއެވެ.

މިހާރު ޢަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ މަދުވެގެން 5 އިންސައްތަ އަންހެނުންގެ ކޮމިޓީތަކަށް ދޭންޖެހެއެވެ. އަދި މި ފައިސާ ކައުންސިލްތަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީތަކާ ހަވާލުކުރަންޖެހެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ފައިސާ ބޭނުންކުރަންވާނީ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެކިއެކި ޕްރޮގްރާމްތައް ހިންގުމަށެވެ. އަދި މި ފައިސާ ހަރަދުކުރެވުނު ގޮތުގެ ރިޕޯޓެއް ކޮންމެ އަހަރަކު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުން، މިއަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އެލަވަންސް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. މި އައު ނިންމެވުމާއެކު، މި އެލަވަންސް ދެއްވުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކުގެ ބަޖެޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *