Thursday, 29 October 2026

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތަށްފަހު ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވުމަށްފަހު، މިއަދު ހއ. އުތީމަށް ފުރާވަޑައިގެންފިއެވެ.

މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރެވުނެވެ. އަދި ރަސްމިއްޔާތު ނިންމާލެވުނީ ޤައުމީ ދިފާޢީ ބާރުގެ ބޭންޑްޕާޓީން ޤައުމީ ސަލާމް ކުޅުމާ އެކުގައެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. މިއަދު ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި ކުރި މަސައްކަތަށް ރަށުގެ ރައްޔިތުންނަށް ޚާއްޞަ ޝަރަފެއް އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *