އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން ހުޅުމާލޭގައި އިއްޔެ ބޭއްވި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގައި 105 މީހުން ލޭ ހަދިޔާކޮށްފިއެވެ. މި ޕްރޮގްރާމަކީ އިންޑިއާގެ އެމްބަސީ އާއި ރޮޔަލް ޓައިގާސްގެ މުވައްޒަފުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ހުޅުމާލެ އޮރެންޖު ހިޔާގައި ބޭއްވުނު މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައި ދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަންއެވެ. އަދި އެމަނިކުފާނު ވަނީ އޮރެންޖު ހިޔާއަށް ވަޑައިގެން ލޭ ހަދިޔާ ކުރުމުގެ ކަންކަން ބައްލަވާލައްވާފައެވެ.
މި ޕްރޮގްރާމްގައި އިންޑިއާގެ ރައްޔިތުންގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ވެސް ބައިވެރިވެ ލޭ ހަދިޔާކޮށްފައިވެއެވެ. މޯލްޑިވްސް ބްލަޑް ސާވިސަސް އިން ވަނީ އިންޑިއާ އިން މިފަދަ ކަމެއްގައި އިސްނަގައިގެން ލޭ ހަދިޔާ ކުރި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިދިޔަ ޖޫން މަހުގައި ވެސް ޓްރީ ޓޮޕް ހޮސްޕިޓަލާއި އިންޑިއާ އެމްބަސީ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ލޭ ހަދިޔާކޮށްފައެވެ.


