އަރިއަތޮޅު އުތުރުބުރީގެ 8 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ޒިޔާރަތްކުރައްވާނީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫއަށެވެ. މި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދުންތައް އަޑުއެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


