ލ. ކައްދޫ އެއަރޕޯޓް ކައިރީގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ، ހޯރަ ވިލާ، މުޙައްމަދު ނައުސާން (37 އަހަރު) އެވެ. ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަގު ހުރަސްކުރަން އުޅުނު 64 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަރޕޯޓަށްދާ މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި ޒެބްރާ ކްރޮސިންގއިން މަގު ހުރަސްކުރި ދެ މީހުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރެވުނު މުޙައްމަދު ނައުސާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.


