Tuesday, 28 July 2026

އެންސްޕާއިން ބޭސްފަރުވާގެ އެހީގެ ގޮތުގައި 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 32.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖުލައި މަހު ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިއަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ މަހު އެންސްޕާއިން އެހީގެގޮތުގައި އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ. އެގޮތުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 146 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 132 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން ނާރުގެ ބަލިތަކުގެ 124 ކޭސްއަށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.

އަދި މިދިޔަ މަހު ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށްވެސް އެހީ ހަމަޖައްސައިދީފައިވެއެވެ. އެގޮތުން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޖުމްލަ 575 ކޭސްއަކަށް 8.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި އޭޑީކޭއިން 216 ކޭސްއަށް 3.7 މިލިއަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން 359 ކޭސްއަށް 4.5 މިލިއަން ރުފިޔާ ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *