Tuesday, 28 July 2026

އިންޑިއާގެ 79 ވަނަ މިނިވަން ދުވަސް ހައިކޮމިޝަނުން ފާހަގަކޮށްފި

އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި އެ ގައުމުގެ ޤައުމީ ދިދަ ނެގުމާއެކު، ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ހައިކޮމިޝަނަރު، ޝްރީ ޖީ. ބަލަސްބްރަމާނިއަންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ އިންޑިއަން ރައްޔިތުން ބައިވެރިވިއެވެ.

މި މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

"އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ އިތުބާރުހުރި ބައިވެރިއެކެވެ. ދެ ގައުމުގެ އިސްފަރާތްތަކުގެ ބައްދަލުވުންތައް އިތުރުވެ، ރައްޔިތުންގެ ގުޅުން ބަދަހިވަމުން ދިއުމަކީ އަޅުގަނޑުމެން ބިނާކޮށްފައިވާ ވަރުގަދަ ގުޅުމުގެ ހެއްކެކެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި މެސެޖަށް ބޮޑުވަޒީރު މޯދީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ގަދަރުވެރި އަވައްޓެރިއެއް ކަމަށާއި، ސަރަހައްދީ ސުލްހައާއި ކުރިއެރުމަށް މަސައްކަތްކުރުމުގައި ގާތް ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމުވެސް ވަނީ ރައީސް މުޢިއްޒުގެ ހެޔޮ އެދުންތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާގެ 'މަހާސާގަރު' ވިޝަންއާއި 'ނޭބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާއެކު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއިން މަސައްކަތްކުރާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *