އަފްޣާނިސްތާނުގެ ހެރާތް ޕްރޮވިންސްގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި މަރުވި މީހުންގެ އަދަދު 79 އަށް އިތުރުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ހެރާތް ޕްރޮވިންސްގެ ގުޒާރާ ސަރަހައްދުގައި މި ހާދިސާ ހިނގާފައިވަނީ އީރާނުން އެނބުރި އަންނަ އަފްޣާނީން އުފުލަމުންދިޔަ ބަހެއް، މޮޓޯސައިކަލަކާއި ތެޔޮ އުފުލާ ޓްރަކަކާ ޖެހި، އަލިފާން ރޯވުމުގެ ސަބަބުންނެވެ. އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް މަތީން ޤާނީ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 19 ކުޑަކުދިން ހިމެނެއެވެ.
މިލިޓަރީ ހޮސްޕިޓަލުގެ އިސް ޑޮކްޓަރު މުހައްމަދު ޖަނާން މުޤައްދަސް ވިދާޅުވި ގޮތުގައި ގިނަ މަރުވެފައިވާ މީހުންގެ ހަށިތައް އަނދައިގެން ގޮސްފައިވާ ވަރުން އެމީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ވަނީ ދަތިވެފައެވެ.
މި ބަހުގައި ދަތުރުކުރަމުން ދިޔައީ އީރާނުން ނެރެލެވުނު އަފްޣާނީން ކާބޫލަށް ގެންދިއުމަށެވެ. މި ހާދިސާއާ ގުޅިގެން މައި ސަރުކާރުން ވަނީ ތަހުގީގެއް ހިންގުމަށް އަމުރުކޮށްފައެވެ.


