ބ. ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމަވައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ. މި ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ހުރި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރައްވައި، އިތުރު ވަސީލަތްތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށް ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އެއާޕޯޓެއް ޤާއިމުކުރެވިފައިވާ ރަށަކަށްވުމާއެކު، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެކި ބޭނުންތަކުގައި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހޮސްޕިޓަލެއް މުހިންމުކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، މި އަހަރުގެ ތެރޭގައި ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑަޔަލިސިސް އަދި އެކްސްރޭގެ ޚިދުމަތް ފެށުމަށް ތައްޔާރީތައް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ޚިދުމަތްތައް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަމައެއާއެކު، ދަރަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް އިއުލާނުކޮށް، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސް އިއުލާނުކުރެއްވި އެވެ.


