Wednesday, 29 July 2026
MAJLIS

މި ސަރުކާރުން ދަނީ ހައްޖުގެ ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެންނަމުން: އިސްލާމިކް މިނިސްޓަރ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްޖުގެ ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެންނަވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ހައްޖު ކިޔުގައި ކޮންމެ އަހަރަކުވެސް 800 އާއި 900 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ފުރުސަތު ދެވޭ ކަމަށެވެ.

1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައި 850 ހައްޖުވެރިންނަށް ފުރުސަތު ދެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 44 ފަރާތަކަށް އެހީތެރިން ގެންދިއުމުގެ ފުރުސަތު ދެވުނެވެ. އަދި 50 ޖާގަ ހާއްސަކުރެވިފައިވަނީ ރައީސްގެ ވައުދުފުޅުގެ ދަށުން ފަގީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދެވުނު ފަރާތްތަކަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް މިދާއިރާއިން ދަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުން" ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މައްކާ ރޫޓް ތައާރަފްކުރެވި، ޖިއްދާ އެއަރޕޯޓުން ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ފަދަ ފަހި ފުރުސަތުތައް ހަމަޖެހެމުންދަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާއި، ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ރާއްޖެއާ މެދު ބަހައްޓަވާ ގާތްގުޅުމުގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *