އައްޑޫ ސިޓީ ހިތަދޫ ހީނާ މަގުގައި ރޭ ހިނގި އެކްސިޑެންޓަކީ ފުލުހުންގެ އުޅަނދެއް ފެނުމުން، ސައިކަލު ދުއްވަން އިން ކުޑަކުއްޖާ ބިރުން ފިލަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި ރޭ 21:17 ހާއިރު ހިނގި މި އެކްސިޑެންޓުގައި ހިމެނެނީ ދެ ސައިކަލެވެ. އޭގެ ތެރެއިން އެއް ސައިކަލު ދުއްވީ އަންހެނެއް ކަމަށާއި އަނެއް ސައިކަލު ދުއްވަން އިނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގީ ފުލުހުންގެ އުޅަނދެއް ފެނުމުން ބިރުން، ކުޑަކުއްޖާ ދުއްވި ސައިކަލު އަނބުރާލާފައި ދަނިކޮށް، އަނެއް ސައިކަލް ކާރަކުން ނައްޓާފައި ދަނިކޮށް ދެ ސައިކަލް ޖެހިގެންނެވެ. މި ހާދިސާގައި އަންހެން މީހާއާއި ދެ ކުދިންނަށް އަނިޔާވެ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ.


