ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ފުރާވަޑައިގެންފައެވެ.
މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ އެ އަތޮޅުގެ 13 ރަށަކަށެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮހެވެ. މި ދަތުރުފުޅުގައި ރައީސް ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމާ މެދު މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ރައްޔިތުންގެ ހާލު އޮޅުންފިލުއްވުމަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުންވެސް ހިމެނެއެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކާ ސީދާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.


