ފަލަސްތީނުގެ ކުރީގެ ޤައުމީ ޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ "ފަލަސްތީނުގެ ޕެލޭ" ގެ ނަމުން މަޝްހޫރު ސުލައިމާން އަލް-އުބައިދުގެ މަރާ ގުޅޭގޮތުން ޔުއެފާއިން ނެރުނު ހަނދާނީ މެސެޖާމެދު ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ވަނީ ފާޑުކިޔައިފައެވެ.
41 އަހަރުގެ އުމުރުގައި އަލް-އުބައިދު މަރުވެފައިވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި އިންސާނީ އެހީ ހޯދުމަށް މަޑުކޮށްގެން ތިބި އާންމު ރައްޔިތުންނަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށް ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވެއެވެ. ނަމަވެސް ޔުއެފާއިން އެކަން ފާހަގަކޮށްފައި ނުވާތީ ސަލާހް ވަނީ އެކްސް މެދުވެރިކޮށް އޭނާ މަރުވި ގޮތާއި، ތަނާއި، ސަބަބު ހާމަކުރުމަށް ޔުއެފާގައި އެދިފައެވެ.
ފުޓްބޯޅަ ފަލަސްތީނުގެ ބާނީ ބަސީލް މިކްދާދީ އަލްޖަޒީރާއަށް ދެއްކި ވާހަކައިގައި ބުނެފައިވަނީ ޔުއެފާއިން މި ފާޑުކިޔުމަށް ޖަވާބުދާރީވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި ޣައްޒާގެ ހަނގުރާމައިގައި މިހާތަނަށް 400 އަށްވުރެ ގިނަ ފުޓްބޯޅަ ކުޅުންތެރިން މަރުވެފައިވާއިރު، އަލް-އުބައިދަކީ އެންމެ މަޝްހޫރު ކުޅުންތެރިއާއެވެ.
ޕްރިމިއަރ ލީގުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސަލާހް ވަނީ ކުރިންވެސް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ. ނަމަވެސް އިސްރާއީލުގެ ޖެނޮސައިޑް ހަނގުރާމައާ ގުޅޭގޮތުން މިހާ ލަހުން އަޑު އުފުލި ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ.
އދ. އިން ބުނެފައިވާ ގޮތުގައި އެމެރިކާ އާއި އިސްރާއީލުގެ އެހީގައި ހިންގަމުންދާ ޖީއެޗްއެފް އެހީ ބެހުމުގެ ނިޒާމު ފެށުނު މޭ މަހުން ފެށިގެން މިހާތަނަށް އެހީ ބަހާ ސަރަހައްދުތަކާއި އެހީގެ ޤާފިލާތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.


