Tuesday, 28 July 2026

ނުރައްކާތެރިކޮށް ދުއްވި ކާރަކުން ފުލުހުންގެ ސައިކަލެއްގައި ޖެއްސުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރުމަށް ފުލުހުން އެންގުމުން ވެސް މަޑުނުކޮށް، ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލުމުގެ ސަބަބުން ފުލުހަކަށް ރޭ އަނިޔާވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ 11:00 ހާއިރު ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ސަރަހައްދުގައި އެވެ. އެ ވަގުތު ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް، އެ ކާރުގައި ތިބި މީހުން އެއްވެސް އިރުޝާދަކަށް ކިޔަމަންވެފައި ނުވެ އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެ ކާރު ހުއްޓުވުމަށް ފުލުހުންގެ ސައިކަލެއްގައި ދެ ފުލުހަކު ދަނިކޮށް، ކާރުން ސައިކަލުގައި ޖައްސައި ވައްޓާލާފައިވެ އެވެ. މި ހާދިސާގައި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެ، ހޮސްޕިޓަލުގަިއ ފަރުވާދީފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފިރިހެނާ އާއި އެ ކާރުގައި އިން އަންހެނާ ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވި އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *