Tuesday, 28 July 2026

ކުޅުދުއްފުށިން ފުނަދޫއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ބަންޑުންޖަހާލައި، އެކަކު މަރުވެއްޖެ

ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ހދ. ކުމުންދޫ ކައިރިން ބަންޑުންޖަހައި، އެ ދޯނީގައި ދަތުރުކުރި 66 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ. އެ ދޯނީގައި ދަތުރުކުރީ ޖުމްލަ ހަތަރު މީހުންނެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.

ހާދިސާ ހިނގުމާ ގުޅިގެން ދޯނީގައި ތިބި އެންމެން ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ. އޭގެ ތެރެއިން 66 އަހަރުގެ ދިވެހި ފިރިހެނާގެ ހާލު ދެރަވުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު 10:30 ހާއިރު އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އެ ދަނީއެވެ.

މި ހާދިސާ ހިނގާފައިވަނީ މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މި ދުވަސްވަރު ކަނޑުތައް ވަރަށް ގަދަވެފައިވާތީ، އެމްއެންޑީއެފުން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *