ޗާންދަނީ މަގުގައި ހުންނަ އިދިކޮޅު އެމްޑީޕީގެ ހަރުގޭގެ ދޮރަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މ. ސްޓާ، މުހައްމަދު ރަޒީން (49 އަހަރު) 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި، ރަޒީން މިދިޔަ ހޮނިހިރު ދުވަހު ބަންދުން ދޫކޮށްލުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ރަޒީން ކޯޓަށް ހާޒިރުކުރުމުން، އިތުރު 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ކުރިން ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލައިގެ ތަހުގީގަށް އިތުރު ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.


