ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އަންނަ ބުދަ ދުވަހާ ހަމައަށް ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން މިއަދު ނެރުނު އެޑްވައިޒަރީގައި ބުނެފައިވާ ގޮތުގައި، މި އިލްތިމާސް ކުރަނީ ރާއްޖޭގެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވެ، ވިއްސާރަވެ، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެވެ.
މިހާރު ސްކޫލު ޗުއްޓީއަށްވެފައިވާތީ، ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންމެހެން ދަތުރުކުރަން ޖެހޭ ފަރާތްތަކުން ވެސް ރޭގަނޑު ދަތުރު ނުކުރުމަށާއި، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
"މިކަމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑު. މިގޮތަށް އަމަލުކުރުމަކީ ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ލާޒިމު ކަމެއް،" އެމްއެންޑީއެފްގެ އެޑްވައިޒަރީގައި ބުނެފައިވެ އެވެ.


