Tuesday, 28 July 2026

ގެދޮރުވެރިޔާ ސްކީމްގައި ދަށުން މާކްސް ލިބުނު ބަޔަކަށް ފްލެޓް ދީފައިވޭ: ހައުސިންގ މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި 76 މާކްސް އަށް ވުރެ މަތިން ލިބުނު ބައެއް ފަރާތްތަކަށް ފްލެޓް ކަނޑަނާޅައި، އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތުން ފްލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލަ ފާހަގަކުރެވިފައިވާތީ، ފްލެޓް ދިނުމުގައި މިހާރު އިސްކަންދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ސްކީމްގެ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބިފައިވާ ފަރާތްތަކަށް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 76 މާކްސް އަށް ވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓް ކަނޑައެޅުމަށްފަހު، ބާކީވާ ފްލެޓްތައް 75 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރުމަށް ވަނީ އިޢުލާންކޮށްފައެވެ. އަދި ދެ ކޮޓަރީގެ ފްލެޓް ދޭން ނިންމާފައިވަނީ 73 މާކްސް އަށް ވުރެ މަތިން ލިބުނު ފަރާތްތަކަށެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި، 76 މާކްސްއަށް ވުރެ މަތިން މާކްސް ލިބި ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުންދާ މި ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމާފައިވަނީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދިނުމަށެވެ.

ފްލެޓްތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ތަޅުދަނޑި ހަވާލުކުރާނީ ފްލެޓަށް ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. މިގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25,000 ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *