Tuesday, 28 July 2026

މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޭނާ މިއަދު ވަކިކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއުލާންކުރި ގޮތުގައި، މާލިއްޔަތު ކޮމެޓީގައި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ވަނީ ހަމަޖައްސާފައެވެ. އަދި ޝުޖާއު ވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީއަށް ބަދަލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ސިވެކުން އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. މީގެ އިތުރުން ޑީކިއު ހޯލްޑިންގްސް އަދި ކުއިކް ޝުއާއަށް ވެސް މިލިއަން ރުފިޔާގެ އެކި މުއާމަލާތްތައް ހިންގާފައިވާކަން ރިޕޯޓުން ދައްކައެވެ.

އާންމުވެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ ރެއިންބޯއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައެވެ. މި އެޕާޓްމަންޓުތަކުގެ ޖުމުލަ އަގަކީ 40 މިލިއަން ރުފިޔާއެވެ.

މި މައްސަލަ ބަލަމުންދާކަން ފުލުހުން ޔަގީންކޮށްދީފައިވާއިރު، ޝުޖާއު ވަނީ ރިޕޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައެވެ. އަދި މި ރިޕޯޓު އާންމުވުމާ ގުޅިގެން އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *