ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަބްދުﷲ ޖަމީލް މޫސާ ރޭ އައްޔަންކޮށްފިއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަގާމުގެ ލިޔުން ޖަމީލާ ހަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސެއިން ރިޒާ އާދަމެވެ.
ޖަމީލަކީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ކެރިއަރުގައި 2003 އިން 2009 އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ. އަދި 2009 އިން 2019 އަށް ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވެއެވެ.
ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށްފަހު، ވޭތުވެދިޔަ ހަ އަހަރު ޖަމީލް ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޖުމްލަ 17 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
އެ މަގާމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ޖަމީލްގެ އިތުރުން މުހައްމަދު ޝަހީދުގެ ނަންވެސް ހުށަހެޅުމަށެވެ. ނަމަވެސް ޝަހީދަކީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެންބަރެއް ކަމަށާއި އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން، ޝަހީދު ވަނީ މިއަދު އޭނާގެ ނަން އަނބުރާ ގެންދަވާފައެވެ.
ޝަހީދަކީ ކުރިން ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި އަދި މި ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސިޔާސީ މަގާމެއްވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.


