ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންނަށް ދެމުން އައި 2000 ރުފިޔާގެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށް ޖަމާކުރަން ފަށައިފިއެވެ.
ޙާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވެފައިވަނީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް މިހާރު ބޮޑުކުރެވިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، "އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުން" ކަމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދިނުމުގެ އުސޫލަށްވެސް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިންނަށް، ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.
އަދި ޙާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްގެ ގޮތުގައި ޙާފިޘުކަމުގެ ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.


