ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ފެރީ ބަނުމަށް އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވި ގޮތުގައި މި އެހީގެ ދަށުން 12 ފެރީއާއި އެއް ޒޯން ފެރީ ޓަރމިނަލް ތަރައްގީ ކުރެވޭނެއެވެ. އޭގެ ތެރޭގައި ޒޯން 2 ގެ މައި ފެރީ ޓަރމިނަލްގެ ގޮތުގައި ރ. އުނގޫފާރުގައި އަޅާ ފެރީ ހަބް ހިމެނެއެވެ.
މިހާރުވެސް އާރްޓީއެލްގެ ޚިދުމަތް ރާއްޖޭގެ 11 އަތޮޅެއްގައި ފެށިފައިވާއިރު، އިތުރު އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށްޓަކައި މިވަގުތު ހަތަރު ފެރީއެއް ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. މި ފެރީތައް ބޭނުންކުރެވޭނީ ބެކަޕް ފެރީތަކެއްގެ ގޮތުގައެވެ.
"100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ލިބިފަ. އެއީ 12 ފެރީ ބަނުމުގެ މަސައްކަތަށް. އަދި ޒޯން 2ގެ މައި ފެރީ ޓަރމިނަލް، އުނގޫފާރުގެ ފެރީ ހަބް އަޅާނީ މި އެހީގަ. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން،" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.
އުނގޫފާރުގައި ތަރައްގީކުރާ ފެރީ ޓަރމިނަލްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ޓަރމިނަލްގައި މަޑުކޮށްލައިގެން ތިބޭ ސަރަހައްދާއި، ފިހާރައަކާއި ފާޚާނާކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައި ހުންނާނެއެވެ.
އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާގައި ބ. އަތޮޅުގައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ޒޯން 4 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމެވެ.


