Tuesday, 28 July 2026

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ބިލު އިތުރަށް ދިރާސާކުރަން ރައީސް އަންގަވައިފި

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަން ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ޓަކައި، އެކަމާ ގުޅޭ ބިލު އިތުރަށް ދިރާސާކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.

މިކަން ރައީސް ހާމަކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގައި ވެސް ޢަމަލުކުރާ ގޮތަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބާއި އެހެނިހެން ހަރުކަށި އަދަބުތައް ކަނޑައެޅުމަށް ބިލު އިތުރަށް ދިރާސާކުރުމަށް އަންގަވާފައިވާ ކަމަށެވެ.

މީގެ ކުރިން، މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް، ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވީ ނަމަވެސް، މަރުގެ އަދަބު ފަދަ ހަރުކަށި އަދަބުތަކެއް އޭރު ހިމަނާފައެއް ނުވެއެވެ.

"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު" ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މި ނިންމެވުމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ސަރުކާރުން އަޅަން ނިންމަވާފައިވާ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއެކު، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *