Tuesday, 28 July 2026

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކުގެ މަސައްކަތާ ގުޅޭގޮތުން އެފްޑީސީގެ އެމްޑީ ދެއްކި ވާހަކަތައް އެމްޑީޕީން ދޮގުކޮށްފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުންދަނީ ކުރީ ސަރުކާރުގައި އެއްބަސްވުމުން އުނިކުރި މަސައްކަތްތައް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ދެއްކެވި ވާހަކަތައް އެމްޑީޕީން ރޭ ދޮގުކޮށްފިއެވެ.

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެފައިވަނީ ފްލެޓުތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ކުރީ ސަރުކާރުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މަސައްކަތުގެ ބައެއް އުނިކޮށްފައިވާ މަސައްކަތްތައް ކަމަށެވެ. މީގެ ތެރޭގައި އިމާރާތްތަކުގެ ސީސީޓީވީ ނެޓްވޯކާއި، އިމާރާތްތަކުގެ ފާހަގަ އަދި ނަރުދަމާއާ ގުޅުންހުރި މަސައްކަތްތަކާއި ގާބޭޖް ޝޫޓް ފަދަ މުހިންމު ކަންތައްތައް ހިމެނޭ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ނަމަވެސް މިކަމަށް ރައްދު ދެމުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފްލެޓުތަކުގައި ހިމެނޭ ފެނާއި ކަރަންޓު އަދި އިންޓަނެޓާއި ސީސީޓީވީ ނެޓްވޯކު ފަދަ ޚިދުމަތްތަކަކީ ކޮންޓްރެކްޓަރު މަސައްކަތް ނިންމަމުންދާ ވަރަކަށް ސަރުކާރާއި އެފްޑީސީން ގުޅިގެން ނިންމަންޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތްތައް ކުރުމަށް 2022 ވަނަ އަހަރުން ފެށިގެން އެކި މަޝްވަރާތައް ބާއްވައި، އެކަން ކުރާނެ ގޮތާއި ކުރާނެ ފަރާތްތައް ވެސް ކަނޑައަޅާފައިވާނެ ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ އެއްބަސްވުމުން މަސައްކަތްތައް އުނިކުރެވޭނީ އެއްބަސްވުމުގައި އެ މަސައްކަތެއް ހިމެނިފައިވާނަމަ ކަމަށާއި، އެ ޕާޓީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ ކަންކަމާއި ޚިދުމަތްތަކަކީ ކޮންޓްރެކްޓަރުން އިމާރާތް ނިންމުމުން ސަރުކާރާއި އެފްޑީސީން ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޖުމުލަ 32 ޓަވަރެއްގައި 2 ކޮޓަރީގެ 1،200 ފްލެޓާއި 3 ކޮޓަރީގެ 2،800 ފްލެޓު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި ފްލެޓުތައް ލިބުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކާއެކު އެފްޑީސީން މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *