ރަޝިޔާގެ އިރުމަތީ ސަރަހައްދުގައި މިއަދު އިހުސާސްކުރެވުނު ބާރުގަދަ ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނެފިއެވެ.
މިއަދު އެ ސަރަހައްދުގައި އިހުސާސްކުރެވުނު ބިންހެލުމަކީ 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށާއި، މިއީ 1952 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ. މި ބިންހެލުން އައީ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރުގައެވެ.
މި ބިންހެލުމާ ގުޅިގެން ޖަޕާނާއި ރަޝިޔާގެ އެކި ސަރަހައްދުތަކަށް ސުނާމީ އަރަން ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކާއިރު، އެ ސަރަހައްދުގައި ހިމެނޭ ބައެއް ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ.
މި ބިންހެލުމުގެ އަސަރު އިންޑިއާ ކަނޑަށް ނުކުރާނެ ކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް އެއްވެސް ގޮތަކުން ނުކުރާނެ ކަމަށެވެ.


