ލަންކާއާއި ރާއްޖެ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީއަކަށް މަސައްކަތްކޮށްގެން ދެ ޤައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ބޭއްވެވި ފުރަމަނާ ޖާފަތުގައެވެ.
ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ލަންކާއާއި ރާއްޖެއަކީ އެތައް ޒަމާނެއް ކުރިން ފެށިގެން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެކެވެ. އަދި ލަންކާގައި ދިރިއުޅެމުންދާ ގިނަ ދިވެހިންނަށް އެ ޤައުމުން ދެމުންގެންދާ މެހެމާންދާރީއާއެކު، ލަންކާއަކީ ދިވެހިންނަށް އަމިއްލަ ވަޒަންފަދަ ޤައުމެއްކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ސްރީލަންކާގެ ފަރާތުން އެހީތެރިކަން ލިބެމުންދެއެވެ.
"ފަތުރުވެރިކަން، ޑިޖިޓަލް ޓެކްނޮލޮޖީ، ސެކިއުރިޓީ ކޯޕަރޭޝަން އަދި ސަޤާފީގޮތުންވެސް ގުޅުންތައް އިތުރަށް ބަދަހިވެއްޖެ. މިއަދު، އެކުގައި ކުރެވޭ މަސައްކަތްތައް އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ފުޅާކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްޤީ ލިބުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތުން ދެމެހެއްޓެނިވި ތަރައްޤީއަކަށް ވާސިލުވެވޭނެކަން ޔަޤީންކަން އޮތްކަމަށްވެސް ވިދާޅުވިއެވެ.


