ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.
އިއްޔެ އާއި މިއަދު ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ވަފުދު އިސްކޮށް ތަމްސީލުކުރައްވާނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ. އަދި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން ޑރ. ނަޞީރު ތަޤުރީރުކުރައްވާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙައާއި ހަމަޖެހުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
އދ.ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/81، "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުން ބޭއްވޭ މި ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓާނީ ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާއިންނެވެ.
މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި މަޝްވަރާކުރެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.


