އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޯބާ އައިލެންޑްސްއަށް ރޭ އައި ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ކުރި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރޭ ރާއްޖޭ ގަޑިން 11:41 ގައި ނިކޯބާ އައިލެންޑްސްއަށް އައި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. މި ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުން އެރިކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.
ގިނަ ރައްޔިތުންނަށް ބިންހެލުމުގެ އަސަރު ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓްތައް ކޮށްފައެވެ. އެގޮތުން "ގޭތެރޭގައި ތިބިއިރު، ގެއަށް ގުޑުން އަރައިގެން ބޭރަށް ނުކުތް" ކަމަށާއި، "ކޮޓަރީގައި ހުރި އެނދުގައި އޮށޯވެގެން އޮތްއިރު، އެނދު ގުޑައިގެން ތެދުވަން ޖެހުނު" ކަމަށް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ. ގިނަ މީހުންނަށް ލޮޅުމުގެ އަސަރު ކުރި ކަމަށް ބުނެފައިވަނީ 12:20 ހާއިރުގައެވެ.
މެޓް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ގދ. ކާޑެއްދޫގައި ހުންނަ ބިންހެލުން ރެކޯޑުކުރާ މީޓަރަށް، ބިންހެލުން އައިތާ 7 މިނިޓް ފަހުން ލޮޅުމެއް އެރިކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.
ނިކޯބާ އައިލެންޑްސްއަކީ އާންމުކޮށް ބިންހެލުންތައް ގިނައިން ރެކޯޑުކުރެވޭ ސަރަހައްދެކެވެ.


