Tuesday, 28 July 2026

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ދާއިރާއަކުން އެއްބަސްވުން ބަދަލުކޮށްފި

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މިއަދު ދެ ދާއިރާއަކުން އެއްބަސްވުން ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކުރެވުނީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިގޮތުން ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޑިޕްލޮމެޓިކް ތަމްރީންތަކާއި މައުލޫމާތު ބަދަލުކުރުމާ ގުޅޭ އެމްއޯޔޫ އަދި ޖިނާއީ މައްސަލަތަކާއި ޖިނާއީ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެވެ. ޑިޕްލޮމެޓިކް ތަމްރީންތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)އާ ދެމެދުގައެވެ.

ޖިނާއީ މައްސަލަތަކާ ގުޅޭ ޓްރީޓީގެ ދަށުން، ދެ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގުމާއި މައްސަލަ ނިމުމުން ހިނގާ ކަންކަމުގައި އެހީތެރިވުން ހިމެނެއެވެ. މި ޓްރީޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާނީ ރާއްޖޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސެޕްޓެމްބަރު 2024 ގައި ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތް އަނޫރާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއަހަރަކީ ރާއްޖެ އާއި ސްރީ ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ. ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރެވިފައިވަނީ ރާއްޖޭގެ މިނިވަން ދުވަހު، 26 ޖުލައި 1965 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *