Tuesday, 28 July 2026

ސްރީލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނާކަޔައަށް މާލެއިން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފައެވެ.

ރައީސް މުއިއްޒުގެ ދައުވަތަކަށް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު އަހަރު ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާއެވެ.

މިއީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ބުދަ ދުވަހުގެ ނިޔަލަށް ޑިސާނަޔަކަ ރާއްޖޭގައި ހުންނަވާނެ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމަށް އެންމެ ފައިދާ ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *