ދިވެހި ދައުލަތަށް 37 އަހަރަށް ވުރެ ގިނަ ދުވަހު އެކި ދާއިރާތަކުން ޚިދުމަތް ކުރައްވައި، އިއްޔެ ނިޝާން އިއްޒުއްދީންގެ ޝަރަފު އެރުވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު މިއަދު އަވަހާރަވެއްޖެ އެވެ. އުމުރުފުޅުން 74 އަހަރުގެ ސޯބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިއްޔެ ބޭއްވުނު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ސޯބިރަށް ނިޝާން އިއްޒުއްދީންގެ ޝަރަފު އެރުވުނު ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާއަށް ވަޑައިނުގެންނެވި އެވެ. އެ ޝަރަފު އެރުވުނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމާއި، އިގްތިސާދީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކަށާއި، ޚާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކަށެވެ.
ސޯބިރުގެ ގައުމީ ޚިދުމަތް ފެއްޓެވީ 1978 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދެވި ނެޝަނަލް ޕްލޭނިންގ އެޖެންސީގެ ސްޓެޓިސްޓިކްސް ސަރވޭ އޮފިސަރެއްގެ މަގާމުންނެވެ. އޭގެ ފަހުން އެކި ދާއިރާތަކުން ދައުލަތަށް ޚިދުމަތް ކުރައްވައި، ފިޝަރީޒް މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާއަކީ ވެސް ސޯބިރެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2000 އިން 2005 އަށް ކުރެއްވި އެވެ. އަދި 2004 ގެ ސުނާމީ ކާރިސާއަށް ފަހު ރާއްޖެއަށް ބޭރުގެ އެހީ ހޯއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
ސޯބިރުގެ ދިގު މުއްދަތުގެ ޚިދުމަތުގެ ތެރޭގައި ސިންގަޕޫރާއި ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ކުރެއްވުމާއި، މިދިޔަ ސަރުކާރާއި މިހާރުގެ ސަރުކާރުގައި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ހިމެނެ އެވެ. އަވަހާރަވި އިރު ވެސް ހުންނެވީ ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައެވެ.


