Tuesday, 28 July 2026

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ހަވާ ދުނިޔޭގެ ރެކޯޑު ފޮތަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދައިފި އެވެ. އެމްއޭސީއެލުން މައުލޫމާތު ދެއްވި ގޮތުގައި މި ރެކޯޑު ހާސިލުކުރެވުނީ 19 ތަނެއްގައި އެއް ފަހަރާ، 'ސިންކްރޮނައިޒްޑް’ވާ ގޮތަށް ހަވާ އެރުވުމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އެރުވުމުގެ އިތުރުން އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައި ހަވާ އެރުވި އެވެ. މި ހަވާގެ ހަރަކާތުގެ ކުރިން ޑްރޯން ޝޯއެއް ވެސް ބޭއްވުނެވެ.

އެމްއޭސީއެލުން ހާމަކުރި ގޮތުގައި މި ރެކޯޑު ފޮތަށް އެރުވުމަށް ގިނީސް ވޯލްޑް ރެކޯޑުން ވަނީ ހެކިންގެ ގޮތުގައި ބަޔަކު ބައިވެރިކޮށްފައެވެ. އަދި އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކަމުގެ ލިޔުން އެމްއޭސީއެލާ ހަވާލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ރާއްޖޭގައި އެންމެ ގިނައިރު އަދި އެންމެ ބޮޑުކޮށް ހަވާ އެރުވާފައިވަނީ ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ކަމަށްވީ ނަމަވެސް، ރޭގެ ރަސްމިއްޔާތުގައި އެރުވުނު "އެންމެ ކުލަގަދަ" ހަވަޔާއެކު ވަނީ އައު ތާރީހެއް ލިޔެވިފައެވެ.

މި ރަސްމިއްޔާތަކީ ރާއްޖޭގެ ވައިގެ ބަނދަރުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަފްލާގެ ގޮތުގައި ރެކޯޑުވެގެން ގޮސްފައިވާއިރު، މި ހަވާގެ ހަރަކާތަކީ ދުނިޔޭގެ ފެންވަރުގައި ވެސް ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *