ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެން އެއް މިސްރާބަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ދިވެހިން ލިބިފައިވާ މިނިވަންކަމަކީ ގިނަ ބައެއްގެ މިންނެތް އިޚްލާސްތެރި މަސައްކަތުން ހޯދާފައިވާ އަގުހުރި އެއްޗެއް ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިންގެ ކަންކަމުގައި އެހެން ފަރާތްތަކުގެ އެހީތެރިކަން ހޯދިނަމަވެސް، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށެވެ. އަދި ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެކި ޤައުމުތަކާއެކު ގާތް، ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވިއެވެ.
"އެކި މީހުން އެކި ދިމާލަށް، އެކި ވިސްނުމުގައި ގޮސްގެން، ޤައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ޤައުމީ ލޯބީގައި މިދެންނެވި ވިސްނުމުގައި ދާހިނދު އެކަނި ޤައުމެއް ޤައުމެއްގެ ގޮތުގައި އޮންނާނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށާއި ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ތަފާތު އެކި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާތަކުގައި ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅު ނިންމަވަމުން ރައީސް މުޢިއްޒު ވަނީ ދިވެހިންނަށްވީތީ ފަޚުރުވެރިވުމަށާއި، އިސްލާމްދީނާއި ދިވެހި ބަހާއި ޤައުމިއްޔަތަށް އިސްކަންދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ތަރައްޤީ ހާސިލްވާނީ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސު އިސްލާހުކުރަން މަސައްކަތްކުރުމުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.


