އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ވަނީ ފުރާވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވި މޯދީއަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ޚާއްޞަ މެހެމާނެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބާރުލުން ދިނުމުގެ ހަތަރު އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ތިން އެއްބަސްވުމެއްގައި ސޮއިކުރެވި، ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް ވެސް ފެށިފައިވެއެވެ. އަދި ބޮޑުވަޒީރު މޯދީ ވަނީ ބައެއް ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައި، އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާހުކޮށްދެއްވާފައެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން މޯދީ ރާއްޖެއަށް ކުރެއްވި ތިންވަނަ ދަތުރުފުޅެވެ. ދަތުރުފުޅު ނިންމަވާލައްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ އުފެއްދުންތެރި މަސައްކަތްޕުޅުތަކެއް ކުރެއްވުނު ދަތުރުފުޅެއް ކަމަށެވެ.
"ރާއްޖެއިން ދެއްވި ހޫނު މަރުހަބާ އަދި މެހުމާންދާރީއަށް ރައީސް މުއިއްޒަށާއި ދިވެހި ސަރުކާރަށް އަދި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" މޯދީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލަކާއި ޝަރަފެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


