ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެއީ އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިހަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ހުޅުވުނު މި ޓާމިނަލްގެ މަންފާ މުޅި ގައުމަށް ކުރާނެ ކަމަށެވެ. އަދި މި ޓާމިނަލް ހުޅުވުމަށް މިނިވަން ދުވަސް ޚިޔާރުކުރެއްވީ، އިގްތިސޯދީ މިނިވަންކަމާއި މި ޓާމިނަލް ގުޅިލާމެހިފައިވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ފަޚުރުވެރި މިނިވަން ދުވަހު އަޅުގަނޑު މިތަން ހުޅުވަން ބޭނުންވީ ހަމަ ގަސްތުގައި. ވަރަށް ޚާއްސަ ސަބަބަކަށްޓަކައި. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސޯދީ މިނިވަންކަމަކީ ވަރަށް ޚާއްސަ ކަމަކަށްވާތީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ކާމިޔާބީގެ ފަހަތުގައި ދެ ސަރުކާރެއްގެ މަސައްކަތް ހިމެނޭ ކަމަށް ފާހަގަކުރައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ. އަދި 2023 ވަނަ އަހަރު އެމަނިކުފާނުގެ ސަރުކާރުން މި މަޝްރޫއު ހަވާލުވި ހިސާބުން، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ދިވެހިން އެއްބައިވަންތަކަމާއެކު ގައުމަށް ހެޔޮއެދި މަސައްކަތްކުރުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށެވެ. "އަޒުމުކަނޑައަޅަންވީ، ހަނދާންކުރަންވީ މިއީ އެއްބައެއްކަން. އެއް މާޒީއެއް އޮތް ބައެއްކަން. އަޅުގަނޑުމެން އެންމެންނަކީ ފަޚުރުވެރި ދިވެހީން،" އެމަނިކުފާނު ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރު ސައޫދީ ފަންޑުގެ ދަށުން ބިން ލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ފަރުމާއަށް ބަދަލުތަކެއް ގެނައުމަށްފަހު، މިހާރު ވަނީ ރާއްޖޭގެ ވައިގެ ބަނދަރުގެ ތާރީޚުގައި އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ނިންމާލެވިފައެވެ.


