Tuesday, 28 July 2026

ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިރޭ ރަސްމީކޮށް ރައީސް މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށްވާއިރު، މި ޓާމިނަލް އެއްކޮށް ފުރިހަމަކޮށް ނިންމާ ހުޅުވާފައި މިވަނީ މަސައްކަތް ފެށިތާ 9 އަހަރު ފަހުންނެވެ.

އާ ޓާމިނަލް ހުޅުވުމާއެކު، އެންމެ ފުރަތަމަ މި ޓާމިނަލް ބޭނުންކުރަން ފަށާނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ. އެހެން އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުން ގެންދާނީ ދެ މައިގަނޑު ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި، ޖުލައި އަދި އޮގަސްޓް މަހުގައި އާ ޓާމިނަލަށް ބަދަލުކުރާނީ ގިނަ ފެސިލިޓީތަކުގެ ބޭނުން ނުކުރާ ކުދި އެއާލައިންތަކެވެ. މީގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން، ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒައިމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، އެއާ އެރޭބިއާ، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ބާކީ ހުރި އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރަން ފަށާނީ ސެޕްޓެމްބަރު މަހުގައެވެ.

މި ޓާމިނަލްގެ މަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގައި ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން މި މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ އަގު ފުރަތަމަ ލަފާކުރެވިފައިވަނީ 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) އަށް ކަމަށްވީ ނަމަވެސް، މިހާރު އަރާނެ ކަމަށް ލަފާކުރެވެނީ 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އަށެވެ. އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ މި ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. އަދި ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައްވެސް ގާއިމްކުރެވިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *