ކޯސްޓް ގާޑުގެ އާ އިމާރާތް "ދޮށިމޭނާ" މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އަޅާފައިވާ މި އިމާރާތަކީ 10 ފަންގިފިލާގެ، ކޯސްޓް ގާޑުގެ ސިފައިންނަށް ހާއްސަކޮށްގެން އިމާރާތް ކޮށްފައިވާ ތަނެކެވެ. އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ދެ ލީޑަރުން ވަނީ އިމާރާތް ބައްލަވައިލައްވާފައެވެ.
އިމާރާތް ހުޅުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައެވެ. "މިއީ އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮތް ވަރުގަދަ އެއްބާރުލުމުގެ މިސާލެއް" ކަމަށް އެ ޕޯސްޓުގައި މޯދީ ފާހަގަކުރެއްވިއެވެ.
މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަދު ހެނދުނު މޯދީ ރާއްޖެއަށް ވަޑައިގަތުމުން، ރައީސް ވަނީ އެއާޕޯޓުން މަރުހަބާ ދަންނަވާފައެވެ. އަދި މެންދުރުފަހު ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.


