އިންޑިއާ ވެގެންދާނީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި، ދިވެހިރާއްޖެ އެންމެ އިތުބާރުކުރާ ޤައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި، މިނިވަން ދުވަހުގެ ތަހުނިޔާ ސަރުކާރާއި ދިވެހި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. އަދި "ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ޤައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއް" ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމެވެ. އަދި އިންޑިއާ ސަރުކާރުން ގެންގުޅުއްވާ "ނެއިބަރހުޑް ފަރސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމު ހިއްސާއެކެވެ.
އަދި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެކި ދާއިރާތަކުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެ ޤައުމަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރައްވާނެ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ "އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާއެކު" ކަމަށް ވިދާޅުވަމުންނެވެ.


