Tuesday, 28 July 2026

އިންޑިއާ ސަރުކާރުން ލޯނުގެ ގޮތުގައި ދޭ 565 މިލިއަން ޑޮލަރުގެ އެހީ ބޭނުންކުރާނީ މުހިންމު މަޝްރޫޢުތަކަށް: ރައީސް މުއިއްޒު

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ 565 މިލިއަން ޑޮލަރުގެ ލޯނު އެހީ ބޭނުންކުރެވޭނީ ސަރުކާރުގެ އިސްކަންދޭ މުހިންމު މަޝްރޫޢުތަކަށް ކަމަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު ވަނީ ދެ ޤައުމުގެ މެދުގައި 4 އެމްއޯޔޫ އަދި 3 އެއްބަސްވުމެއްގައި ސޮއިކުރެކޮށްފައެވެ. މީގެ ތެރޭގައި 565 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުން ވެސް ހިމެނެއެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ 60 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރި 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާ ދިމާވި ދަތުރުފުޅެކެވެ. މި މުނާސަބަތުގައި ދެ ޤައުމުގެ ވެރިން ޚާއްސަ ސްޓޭމްޕެއް ވެސް ވަނީ ނެރުއްވާފައެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެހީގެ ތެރޭގައި ހުޅުމާލޭގައި 3,300 ބޯހިޔާވަހިކަމުގެ ޔުނިޓް، އައްޑޫ ސިޓީގެ މަގުތަކާއި ފެން ހިންދުމުގެ ނިޒާމް، އަދި 6 މުހިންމު ކޮމިއުނިޓީ ޑިވެލޮޕްމަންޓް މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން، ދިވެހި ސިފައިންނަށް 72 ހެވީ ވެހިކަލް އިންޑިއާ ސަރުކާރުން ހަދިޔާ ކުރެއްވިއެވެ.

މީގެއިތުރުން އިންޑިއާ ސަރުކާރުން ދެއްވާ ލޯނު އެހީގެ ދަށުން ދައްކަންޖެހޭ އަހަރީ ފައިސާގެ އަދަދު ކުޑަކުރުމަށް އެއްބަސްވުމާއި، ދެ ޤައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އެއް ވެވޭނެ ގޮތްތައް ބަލައި، މަޝްވަރާކުރަން ފެށުމަށްވެސް އެއްބަސްވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *