Tuesday, 28 July 2026
ފިތުރު ޒަކާތް ނެގުން | ފޮޓޯ: ރާއްޖެ އެމްވީ

މި އަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ހޭދަކޮށްފި

2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން ޒަކާތުގެ ބެހެނިވެރިންނަށް 30.7 މިލިޔަން ރުފިޔާ ހޭދަކޮށްފިއެވެ. މި ފައިސާ ހޭދަކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންނަށާއި، ހާލުގައިޖެހިފައިވާ ދަތުރުވެރިންނަށާއި، ފީސަބީލިﷲ ބަޔަށާއި އަދި ޢާމިލުންނަށެވެ.

ޒަކާތު ފަންޑުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ސީދާ އެހީގެ ގޮތުގައި ބޮލަކަށް 5,000 ރުފިޔާގެ މަގުން 14.2 މިލިޔަން ރުފިޔާ ބަހާފައިވެއެވެ. މީގެއިތުރުން، ޚާއްޞަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް 78,377.97 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.

ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ތެރެއިން ފުދުންތެރިކަން ނެތް 594 ފަރާތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 8.5 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށްވާއިރު، އެކަމަށް 2.4 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދެއް ހޭދަކޮށްފައިވެއެވެ.

ފީސަބީލިﷲ ބައިން، ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 3.3 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދެއް ހޭދަކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 1.7 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ފޮތް ތަރުޖަމާކުރުމަށް 578,460 ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާގޮތުގައި، އިދާރީ މުވައްޒަފުންގެ އުޖޫރައަށް 1.8 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، ދަތުރުމަތީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ޙާލުގައި ޖެހުނު ފަރާތްތަކަށް 428,107.32 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *