Tuesday, 28 July 2026

އިންޑިއާއާއި ރާއްޖެއާ ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރާއްޖޭގެ ދަތުރުފުޅުގައި، އިންޑިއާއާއި ރާއްޖެއާ ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާޒިރުގައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުމެއް ހިމެނެއެވެ. މީގެ އިތުރުން، މަސްވެރިކަމާއި އެކުއަކަލްޗަރ، ކޮލިޓީ ބޭސް ފޯރުކޮށްދިނުން، މޫސުމާބެހޭ ޢިލްމު އަދި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ.

އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކި ދާއިރާތަކާ ގުޅުންހުރި ވަޒީރުންނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ހުރިހާ އެއްބަސްވުމެއްގައި ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ސަރުކާރުގެ އިސް ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *