Tuesday, 28 July 2026

އެލްއޯސީގެ ބާކީ ފައިސާ ބޭނުންކުރަންވާނީ ފައިދާހުރި ގޮތަކަށް: ކުރީގެ ރައީސް ސޯލިހު

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގައި ބާކީ ހުރި ފައިސާ ބޭނުންކުރަން ވާނީ ފައިދާހުރި ގޮތަކަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ހާމަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދިވެސް ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ އެވެ.

ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި، މި ފައިސާއަކީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލަށާއި، މިފްކޯ އެކްސްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައި ހުރި ފައިސާ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، މި ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *