ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ދިވެހިރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސަރުކާރުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިއަދު ހެނދުނު 9:15 ގައި ރާއްޖެ ވަޑައިގެންނެވި މޯދީއަށް މެންދުރުފަހު 2:45 ގައި ރަސްމީ ފާލަން ސަރަހައްދުގައި ރަސްމީކޮށް މަރުހަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ސްކޫލު ކުދިންގެ ޚާއްސަ ހަރަކާތެއް ބޭއްވުނު އިރު، ސިފައިން ވަނީ މޯދީގެ ޝަރަފުގައި 21 ބަޑީގެ ސަލާމް އަރުވާފައެވެ.
ރަސްމީ މަރުހަބާ ދެންނެވުމަށްފަހު މޯދީ ވަނީ ހަތްކޮޅުގައި ރައީސް އޮފީހަށް ވަޑައިގެންފައެވެ. އެއަށްފަހު ދެ ގައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. އަދި މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ވެސް މޯދީ ވަނީ ހަމަޖެހިފައެވެ.


